Wednesday, May 28, 2014

ކިޔަވައިދިނުމުގައި ގެންގުޅޭނެ ފަލްސަފާ
 އުނގަންނައި ދިނުމުގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ކޮންމެ މުދައްރިސަކީވެސް އުނގަންނައިދިނުމުގެ ހުނަރާއި މައުލޫމާތު ހުރި ބައެއްކަމުގައި ވާންޖެހެއެވެ. އެހެންކަމުން މުދައްރިސުން، އެމީހުންގެ މަސައްކަތްތައް ވަކި އުޞޫލަކާއި ހަމަތަކެއްގެ މަތިން ބިނާކުރުން ވަރަށް މުހިއްމެވެ. އެގޮތުން ދަރިވަރުންގެ ވިސްނުން ތަރައްޤީވަމުން އަންނަގޮތާއި، ދަސްކުރާގޮތް ދެނެގަނެ މާހައުލާއި، ޘަޤާފަތުން އަދި އިޖުތިމާޢީ ގުޅުންތަކުގެ ސަބަބުން ދަރިވަރުގެ އުނގެނުމަށްކުރާ އަސަރު ދެނެގަތުމަކީ މުދައްރިސުންނަށް ކުރެވިދާނެކަމެކެވެ.

އުނގެނުމާއި އުނގަންނައިދިނުން ކާމިޔާބުކަމާއެކު ކުރިޔަށް ގެންދިޔުމަށްޓަކައި އެޑިޔުކޭޝަނަލް ސައިކޮލޮޖިސްޓުން ވަނީ ދިރާސާތަކެއްކޮށް ތިއަރީތަކެއް އުފައްދާފައެވެ. މި ތިއަރީތަކުގައި ވަރަށް ތަފާތު ޚިޔާލުތަކެއް ފާޅުކޮށްފައިވެއެވެ. މި ތިއަރީތަކުގައިވާ ހުރިހާ ކަމެއްގެ ބޭނުން ހިފުމަކީ ދަތި އުނދަގޫ ކަމަކަށް ވެދާނެއެވެ. އެހެންކަމުން މި ތިއަރީތަކުގެ އަލީގައި ކޮންމެ މުދައްރިސަކުވެސް ކިޔަވައިދިނުމުގެ ފަލްސަފާއެއް ކަނޑައެޅުމަކީ ކިޔަވައިދިނުން ހަރުދަނާ ކުރުމަށްޓަކައި ކުރެވިދާނެކަމެކެވެ.
އުނގެނުމާއި އުނގަންނައި ދިނުމުގައި ދަރިވަރުގެ ސުލޫކަށް ރަނގަޅު ބަދަލެއް ގެނައުމަށްޓަކައި ބިހޭވިއަރަލް ލާރނިންގް ތިއަރީގެ އަލީގައި ވަރަށް ގިނަ ކަންތައް ތަކެއް ކުރެވިދާނެއެވެ. އެގޮތުން ބިހޭވިއަރަލް ލާރނިންގް ތިއަރީގައިވާ ސުލޫކެއް ނުވަތަ އުނގެނުން ވަކިގޮތަކަށް ބަދަލުކުރުމަށްޓަކައި މައިގަނޑު ދެވައްތަރެއް ފާހަގަ ކޮށްފައިވެއެވެ. އެއީ ރީއިންފޯސްމަންޓާއި ޕަނިޝްމަންޓެވެ. އެގޮތުން ހިތްއެދޭފަދަ ސުލޫކެއް އަށަގަންނަމުންދާނަމަ ތަރުހީބުދީ ހިތްވަރު ދީ ހެދުމަކީ މި ތިއަރީގައި ވަރަށް ބޮޑަށް ބާރު އަޅާކަމެކެވެ. އެހެންކަމުން އަޅުގަނޑުވެސް ކިޔަވައިދިނުމުގައި ކުދިންނަށް ހިތްވަރުދީ ތަރުހީބު ދިނުމަށް ވަރަށް ބޮޑަށް އިސްކަންދޭނަމެވެ. އަދި މީގެ އިތުރުން ބިހޭވިއަރަލް ލާރނިންގް ތިއަރީގައިވާ ކްލެސިކަލް ކޮންޑިޝަނިންގް އަކީ ކުއްޖާ ވަކިގޮތަކަށް ހާނުވައި ކުއްޖާ ބައްޓަންކުރުވުމަށްޓަކައި މުހިއްމު ދައުރެއް އަދާކުރާ މޮޑެލްއެކެވެ. މި މޮޑެލްގެ އަލީގައި ދަރިވަރު ލައްވާ އެންމެ ފުރިހަމައަށް ކަމެއް ކުރުވުމަށްވުރެ ބޮޑަށް އޭނާއަށް ކުރެވޭކަމެއް އެއަށްވުރެ ރަނގަޅށް ކުރުވުމަށްޓަކައި އެކަމަށް ބާރުއަޅައި ހިތްވަރު ދޭނަމެވެ. އަދި ގޯސްކޮށް ކަމެއް ކުރެވޭ ހިނދު އެކަމެއް ރަނގަޅުކުރުމަށް ފުރުޞަތުދީ އެހީތެރިކަން ފޯރުކޮށްދޭނަމެވެ.
އެޑިޔުކޭޝަނަލް ސައޮކޮލޮޖިސްޓުން ފާހަގަ ކޮށްފައިވާ އަނެއް ތިއަރީއަކީ ކޮގްނިޓިވް ލާރނިންގް ތިއަރީއެވެ. މިތިއަރީގައި މައިގަނޑު ގޮތެއްގައިވަނީ ކުއްޖާގެ ވިސްނުމަށް ބަދަލު އަންނަމުންދާ ގޮތެވެ. އެގޮތުން ސިކުނޑިއަށް މައުލޫމާތު ވަންނަމުންދާގޮތާއި އެ މައުލޫމާތުތައް ސިކުނޑީގައި ރައްކާކުރެވެމުންދާގޮތް މި ތިއަރީގެ އަލީގައި އެނގިގެންދެއެވެ. އެހެންކަމުން ކިޔަވައި ދިނުމުގައި ދަރިވަރުންގެ ހަނދާނުގައި ކިޔޔަވައިދޭ ތަކެތި ގިނަ ދުވަހު ހަރުލެއްވުމަށް ކޮށްދެވިދާނެ ކަންތައްތައް މިތިއަރީގެ އަލީގައި ހާމަވެގެންދެއެވެ. އެގޮތުން ކިޔަވައިދޭއިރު އަބަދުވެސް ދަރިވަރުންގެ ސަމާލުކަން ހޯދައި އެ ސަމާލުކަން ދެމެހެއްޓުމަށް އިސްކަންދޭނަމެވެ. އަދި ކިޔަވައިދޭއިރު ދަރިވަރުންނަށް އެނގެމުންދާ އެއްޗަކާއި ކުރިން އެނގިފައިވާ އެއްޗެއް ގުޅުވާލައިގެން ކިޔަވައިދީ އެނގެނެމުންދާ އެއްޗެއް ދޭހަކުރުމަށް ދަރިވަރުންނަށް ފުރުޞަތު ދޭނަމެވެ. އެގޮތުން ފިލާވަޅު ކުރިއަށް ގެންދާއިރު ވަކި ތަރުތީބަކުން ރާވާލައިގެން ކުރިޔަށް ގެންގޮސް މުހިއްމު ޕޮއިންޓްތައް ދަރިވަރުންނަށް ފާހަގަކޮށްދީ ހަދާނަމެވެ.
ކޮންސްޓްރަކްޓިވިޒަމް ތިއަރީގައި، ކުއްޖާގެ ވިސްނުން ތަރައްޤީވަމުން އަންނަނީ ކުއްޖާ އުޅޭ ޘަޤާފީ އިޖުތިމާޢީ މާހައުލުން ކަމުގައި އެ ތިއަރީގެ އެއް ޢިލްމުވެރިއެއް ކަމަށްވާ ވައިގޮޓްސް ކީ ފާހަގަކޮށްފައިވެއެވެ. އަދި ޖޭން ޕިއާޖޭ ފާހަގަ ކުރާގޮތުގައި އުނގެނުމަކީ ދަރިވަރު އުޅޭ މާހައުލުންނާއި ވިސްނުމުގެ މަރުހަލާތަކާ ގިޅޭގޮތުން ކުރިއަރަމުންދާ އެއްޗެކެވެ. އެހެންކަމުން ކިޔަވައިދިނުމުގައި ނަމޫނާ ދެއްކުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައި މި ތިއަރީގައި ދެކެއެވެ. އަޅުގަނޑުގެ ކިޔަވައިދިނުމުގެ ފަލްސަފާގައި ދަރިވަރުންގެ ވިސްނުން ކުރިއަރަމުން އަންނަ މިންވަރާއި ގުޅޭގޮތުން މަސައްކަތްތައް ހަވާލިކޮށް ދަރިވަރުންނަށް ނަމޫނާ ދެއްކުމަށް ޚާއްޞަ ސަމާލުކަމެއް ދޭނަމެވެ.
ކުދިން ޝައުޤުވެރިކުރުވައިގެން ކިޔަވައިދިނުން ކުރިއަށް ގެންދަނެ ގޮތުގެ ވަރަށް ގިނަ މައުލޫމާތުތަކެއް މޯޓިވޭޝަން ތިއަރީތަކުގެ އަލީގައި އެނގިގެންދާނެއެވެ. އެގޮތުން ބީއެފް ސްކިނާރ ފާހަގަ ކޮށްފައިވާ ގޮތުން ކުދިންގެ ކިބައިން ފެންނަ ރަނގަޅުކަންކަމަށް ހިތްވަރުދީ ތަރުހީބު ދީ ހެދުމަކީ ކުއްޖާގެ ޝައުޤުވެރިކަން އިތުރުވެގެންދާނެ ކަމެކެވެ. އަދި އަލްބާރޓް ބަނޑޫރާ ޤަބޫލުކުރާގޮތުގައި ކުދިންގެ ޝައުޤުވެރިކަން އިތުރުކުރުމުގައި އެހެންމީހުން ތަޖުރިބާތަކާއި، މާހައުލާއި ކުއްޖާ ކަންކަމުގައި ދެކެމުން އަންނަ ގޮތަކީ ވަރަށް ބޮޑަށް އަސަރުކުރާކަމެކެވެ. ވީމާ މި ތިއަރީ ތަކުގެ އަލީގައި ވަކި ވަކި ކުދިންގެ ޝައުޤުވެރިކަން ހުންނަ ގޮތްތައް ދެނެގަނެ އެ ކުދިންގެ ޝައުޤުވެރިކަން އިތުރުކޮށްގެން ކިޔަވައި ދިނުމަށް މަސައްކަތްކުރާނަމެވެ.
މި ތިއަރީތަކުގެ އިތުރަށް ފިލާވަޅު ކުރިޔަށް ގެންދާ ރާވާ ހިންގާ ގޮތްތަކަކީވެސް ކުދިންގެ ސުލޫކަށާއި ވިސްނުމަށް އަސަރު ފޯރާކަންތައްތަކެވެ. އެގޮތުން ކިޔަވައި ދިނުމުގައި އަބަދު އެއްގޮތެއް ބޭނުން ކުރުމުގެ ބަދަލުގައި ތަފާތު ފިލާވަޅުތަކާއި ގުޅޭގޮތުން ތަފާތު ސްޓްރެޓިޖީސްތައް ބޭނުންކުރުމަށް ވިސްނާނަމެވެ. އޭގެ ތެރޭގައި ލެކްޗަރ އުސޫލުން ފިލާވަޅު ކުރިޔަށް ގެންދިޔުމާއި، ގްރޫޕްކޮށް ކިޔަވައި ދިނުމާއި ތަފާތު ވަސީލަތްތައް ބޭނުން ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭނަމެވެ.
އުނގަންނައި ދިނުމުގައި ދަރިވަރުންނަށް އެނގެމުންދާ މިންވަރެއް އަބަދުވެސް ވަޒަންކުރުމަކީ ކޮންމެ މުދައްރިސަކުވެސް ވަރަށް އިސްކަމެއް ދޭންޖެހޭނެ ކަމެއްކަމުގައި ޤަބޫލުކުރަމެވެ. އެއީ ފިލާވަޅު ކުރިއަށް ގެންދިޔުމުގައިވެސް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމެކެވެ. އެގޮތުން ފިލާވަޅުގެ ތެރެއިންނާއި ފިލާވަޅު ނިންމާލުމަށްފަހު ސުވާލުކުރުމަށް އަބަދުވެސް އިސްކަމެއް ދޭނަމެވެ. އަދި ތަފާތު މަސައްކަތްތައް ހަވާލުކޮށްގެ ދަރިވަރުގެ ފެންވަރު އަބަދުވެސް ވަޒަންކުރަމުންދާނަމެވެ.
އެޑިޔުކޭޝަނަލް ސައިކޮލޮޖިސްޓުން ފާހަގަކޮށްފައިވާ ތިއަރީތަކަށް ވިސްނާލުމުން އެނގިގެންދަނީ މި ހުރިހާ ތިއަރީތަކަކީވެސް ކިޔަވައިދިނުމުގެ ތަފާތު މަރުހަލާތަކުގައި ބޭނުން ހިފިދާނެ ތިއަރީތަކެއް ކަމެވެ. އެހެން ކަމުން އަޅުގަނޑުގެ ކިޔަވައިދިނުމުގެ ފަލްސަފާގައި މި ތިއަރީތަކުގެ އަލީގައި ކިޔަވައިދިނުން ބައްޓަންކުރުމަށް އިސްކަމެއް ދޭނަމެވެ.

No comments:

Post a Comment