ކިޔަވައިދޭއިރު ބޭނުންކުރާނެ އެންމެ އެކަށީގެންވާ ގޮތްތަކާއި އުކުޅުތައް
ކިޔަވައިދިނުމުގައި ތަފާތު ގޮތްތަކާއި އުކުޅުތައް ބޭނުންކުރުމަކީ ކުދިންނަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމެކެވެ. އެގޮތުން ކިޔަވައިދިނުމުގައި ބޭނުންކުރާ ސްޓްރެޓިޖީތައް ބިނާވެފައި ހުންނާނީ ލާރނިންގް ތިއަރީތަކުގެ މައްޗަށެވެ. ފިލާވަޅެއް ކުރިޔަށް ގެންދިޔުމުގައި ތަފާތު ގޮންޖެހުންތަކާއި މުދައްރިސް ކުރިމަތިލާން ޖެހެއެވެ. އޭގެ ތެރޭގައި ކަރިކިޔުލަމް، މާހައުލު ހިމެނެއެވެ. އެހެންކަމުން ތަފާތު ޙާލަތްތަކާއި ގުޅޭ ގޮތަށް ސްޓްރެޓިޖީސްތައް ބޭނުންކުރަން ޖެހެއެވެ.
ބިހޭވިއަރަލް ލާރނިންގް ތިއަރީ
މި ތިއަރީގައި އުނގަންނައިދިނުން ބިނާކޮށްފައި އޮންނަނީ ފިޔަވައްސަކަށްފަހު ފިޔަވައްސެއް އަންނަ ގޮތަށެވެ. މި ޕްރޮސެސް ގައިޑް ކޮށްދެނީއް ވަޒަންކުރެވޭ ފަދަ އޮބްޖެކްޓިވްސްއެކެވެ. އެއީ ކުއްޖާއަށް އުނގަންނައިދޭ ބޭނުންވާ ސުލޫކު އުނގަންނައި ދެވުނުކަން އެނގިގެންދާނީ މިފަދަ އޮބްޖެކްޓިވްސް އެއްގެ ސަބަބުން ކަމުގައިވާތީއެވެ.
ބިހޭވިއަރިސްޓުންގެ އަރިހުގައި މިގޮތަށް ފިލާވަޅު ކުރިޔަށް ގެންދިޔުމުގައި ބޭނުންކުރެވިދާނެ އުކުޅުތަކަކީ:
ޝޭޕިންގް: ބޭނުންވާ ސުލޫކާއި ކުއްޖާ ގާތްވަމުންދާވަރަކަށް ތަރުހީބުދިނުން.
ޗެއިނިންގް: ވަކި ކަމެއް ދަސްކޮށްދިނުމަށް ފިޔަވައްސަކަށްފަހު ފިޔަވައްސެއް ކުރިޔަށް ގެންދިޔުން. މީގެ ތިންވައްތަރެއް ވެއެވެ. އެއީ އެއްފަހަރާ ހުރިހާ އެއްޗެއް ދައްކައިދިނުމަށްފަހު ފަހުން ފިޔަވަޅުތައް ވަކިވަކިން ބުނެދިނުމާއި، އެއް ފިޔަވަހި ކަޔަވައިދީ ނިމުމަށްފަހު އަނެއް ފިޔަވަހި ކިޔަވައިދިނުމާއި، އެންމެ ފަހު ފިޔަވަހިން ފެށިގެން އެންމެ ފުރަތަމަ ފިއްޔަވައްސަށް ބުނެދެމުން ގެންދިޔުމެވެ.
މިގޮތަށް ކުދިން ތަމްރީނު ކުރުވުމުގައި ވިސްނާލަންޖެހޭ ކަންތައްތަކަކީ ކަނޑައެޅި މަޤްޞަދުތަކާއި ކުލާހުގައި ގެންދާ ޙަރަކާތްތަކާއި ގުޅުވާލުމެވެ. އަދި ގޯސްކޮށް ކުދިންނަށް އެނގިފައިވާ އެއްޗިހި ރަނގަޅަށް ބުނެދިނުމެވެ.
އިންފޮރމޭޝަން ޕްރޮސެސިންގް ތިއަރީ
މި ތިއަރީގައި ބޮޑަށް ބަލާލާފައިވާނީ އެނގިފައިވާ އެއްޗެއް އަލުން ލޯންގްޓާރމް މެމޮރީއަސް ގެނައުމަށްޓަކައި ކޮށްދެވިދާނެ ކަންތައްތަކަށެވެ. އެގޮތުން ފިލާވަޅު ފެށުމުގެ ކުރިން ކުދިންނަށް އެނގިފައިވާ އެއްޗެއް ބަލައިލުމަށް ސުވާލުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ނުވަތަ ކުރިން ކިޔަވައިދީފައިވާ އެއްޗިހީގެ ހަނދާން އާކޮށްލަދިނުމެވެ. އަނެއް ގޮތަކީ އެދުވަހު ފިލާވަޅުގައި ކުދިން ދަސްކުރާނެ އެއްޗިހިތައް ބުނެދިނުމާއި ފިލާވަޅުގެ މަޤްޞަދު ފިލާވަޅު ފެށުމުގެ ކުރިން ބުނެދިނުމެވެ. އަދި ހަމަ އެގޮތަށް ފިލާވަޅުގެ ތެރެއިން އެއްގޮތް ކަންތައްތަކާއި ގުޅުޅުވައިގެން ކިޔަވައިދިނުމަކީވެސް ހަނދާން އާކުރުމަށް ކުރެވިދާނެ ކަމެކެވެ. މިއަށް ކިޔަނީ އިންސްޓްރަކްޝަނަލް އެނިލޮޖީއެވެ.
ކުދިންގެ ސަމާލުކަން ހޯދާ ސަމާލުކަން ދެމެހެއްޓުމަކީ ވެސް ކުދިންގެ ހަނދާނުގައި ފިލާވަޅު ހަރުލެއްވުމަށް ކުރުން ވަރަސް މުހިއްމު ކަމެކެވެ. މީގެ ދަށުން ބޭނުންކުރެވިދާނެ އެންމެ ފައިދާހުރި އުކުޅަކީ ސުވާލުކުރުމެވެ. އަނެއްކަމަކީ ދެވޭ މައުލޫމާތު އެކަތި އަނެއްކައްޗާ ގުޅުވުމަށް ދަސްކޮށްދިނުމެވެ.
ސޯޝަލް ކޮގްނިޓިވް ތިއަރީ
ސޯޝަލް ކޮގްނިޓިވް ތިއަރީގައި ބުނާގޮތުން މާހައުލަކީ ކުއްޖާއަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރުވާ އެއްޗެކެވެ. އެގޮތުން މިތިއަރީގައި އެންމެ ބޮޑު ހާއްސަކަމެއް ދީފައިވަނީ މޮޑެލިންގް އަށެވެ. އެއީ ކަމެއް ކުރާނެ ގޮތް ދައްކައިދީގެން ނުވަތަ ނަމޫނާ ދައްކައިދީގެން ކިޔަވައިދިނުމެވެ. މި ގޮތުން ކަމެއްކުރާނެ ގޮތް ދައްކުވައިދޭއިރު މުދައްރިސް ވިސްނާގޮތް ބުނެދިނުމަކީ ދަސްކުރުމަށް ވަރަށް ފަސޭހަގޮތެކެވެ.
ކޮންސްޓްރަކްޓިވިޒަމް
ކޮންސްޓްރަކްޓިވިޒަމްގައި ބޮޑަށް ބާރުއަޅަނީ ތަފާތު އެކްޓިވިޓީތަކުގައި ދަރިވަރުން ބައިވެރިކޮށްގެން ކިޔަވައިދިނުމަށެވެ. އެގޮތުން މައްސަލަ ޙައްލުކުރަން ކުދިންނާ ހަވާލުކުރުވުމަކީ ކުދިން ބައިވެރިކޮށްގެން ކުރެވިދާނެ ކަމެކެވެ. މި ތިއަރީގައި އެންމެ އިސްކަމެއް ދީފައިވަނީ ސްޓްޑެންޓް ސެންޓާރޑް ލާރނިންގް އަށެވެ. އެގޮތުން ގްރޫޕް މަސައްކަތް ހަވާލކުރުން ހިމެނެއެވެ. މީގެ ބައެއް ވައްތަރުތަކަކީ ޖިގްސޯ، ނަމްބަރ ލީޑްސް ޓުގެދާރ، ތިންކް ޕެއާރ ޝެއަރ ފަދަ ހަރަކާތްތަކެވެ.
މިފަދަ ތަފާތު ސްޓްރެޓިޖީތައް ބޭނުންކޮށްގެން ކިޔަވައިދިނުމަކީ އުނގަންނައިދިނުން ފަސޭހަވެގެން ދާނެކަމެކެވެ. އަދި ފިލާވަޅުގެ މަޤްޞަދުވެސް ފަސޭހަކަމާއެކު ޙާޞިލްކުރެވިދާނެ ކަމެކެވެ.
No comments:
Post a Comment