Wednesday, May 28, 2014

ދަރިވަރުންނަކީ ކޮންބައެއްކަން ދެނެގަތުން އަދި ދަރިވަރުންގެ އުނގެނުމުގެ ވައްޓަފާޅި
 ދަރިވަރުންނާއިމެދު ޒަމާނުންސުރެ ދެކެވެމުން އަންނަގޮތަކީ އެއްވެސް މައުލޫމާތެއް ނެތް ހުސް އެއްޗެއްގެ ގޮތުގައެވެ. ނަމަވެސް މިއަދުގެ ދިރާސާތަކުން ދައްކާގޮތުގައި މި ރަނގަޅު ވިސްނުމެއް ނޫނެވެ. އުނގަންނައި ދިނުމުގައި ކޮންމެ މުދައްރިސަކުވެސް ވިސްނަން ޖެހޭނެ ކަމަކީ ކޮންމެ ދަރިވަރަކީވެސް ތަފާތު ދަރިވަރެއްކަމެވެ. އަދި މިތަފާތުތަކަކީ މުދައްރިސުގެ ހުންނަ ހުނަރުވެރިކަމާއި މޮޅުކަމަކުން ނައްތާލެވޭނެ ތަފަތުތަކެއް ނޫންކަމެވެ. އެހެންކަމުން އުނގަންނައިދިނުމުގައި މިތަފާތުތަކާއި އެކު ހުރިހާ ދަރިވަރުންނަށްވެސް ހަމަހަމަ ގޮތެއްގައި އުނގަންނައިދިނުމަށްޓަކައި އެ ދަރިވަރުންނަކީ ކޮންބައެއްކަމާއި އެ ދަރިވަރުންގެ ޠަބީޢަތަކީ ކޮބައިކަން ދެނެގަންނަން ޖެހެއެވެ.

ކޮންމެ ކްލާސްރޫމެއްގައިވެސް ނަސްލުގެ ގޮތުންނާއި، އިޤްތިޞާދީ ގޮތުން އަދި ބަހުގެ ގޮތުން ތަފާތު ކުދިން ތިބޭނެއެވެ. ކުދިންގެ ކިބައިގައިވާ މިފަދަ ތަފާތުތަކާއި މެދު ވިސްނާ ކިޔަވއިދިނުމުގައި ފިޔަވަޅު އަޅަން ޖެހޭ މައިގަނޑު ސަބަބުތަކަކީ މުދައްރިސުން ކިޔަވައިދޭތަކެތި ދެނެގަތުމުގައި އެކުދިންނާ ގުޅޭގޮތަށް އިރުޝާދުތަކާއި މައުލޫމާތުތައް ފޯރުކޮށްދިނުމަށް މުދައްރިސުންނަށް ފަސޭހަވެގެންދިޔުމެވެ. އަދި ދަރިވަރުންގެ ތަފާތުތައް އެނގުމުން އެކުދިންނަށް ދަސްވެފައިވާ މިންވަރާއި ބެހޭގޮތުން ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގައްޔާއި އެކުދިންނަށް ކައުންސިލިންގް ފޯރުކޮށްދިނުންފަދަ ކަންކަމުގައި އެހީތެރިކަން ލިބިގެންދިޔުމެވެ.

No comments:

Post a Comment